ފަރަންސޭސިވިލާތުގެ ތޮމްބްލެއިންގައި މަތިންދާބޯޓެއް ވެއްޓި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު، އެ ގައުމުގެ ރައީސް އެމަނުއެލް މެކްރޯން އަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، މަތިންދާބޯޓުން ދަތުރުކުރި ހުރިހާ ފަޅުވެރިންނާއި ފަސިންޖަރުންގެ ފުރާނަ ގެއްލުނު މި ހިތާމަވެރި ހާދިސާގެ ހަބަރު އަޑުއެއްސެވީ ފުން ހިތާމައަކާއެކު ކަމަށް ވިދާޅުވެފައިވެއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފަރަންސޭސިވިލާތުގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް، އަދި ހާއްސަކޮށް މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އިހުލާސްތެރި ތައުޒިޔާ އާއި ހަމްދަރުދީ ފޮނުއްވާފައިވެއެވެ.
މީގެ އިތުރުން، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ކުރިއަށްގެންދާ ތަހުގީގީ މަސައްކަތްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ ފަރަންސޭސިވިލާތުގެ ޕެރަޝޫޓް ޖަމްޕުތަކަށް ހާއްސަ ސްކޫލެއްގެ ބޯޓެއް ވެއްޓިގެންނެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި ޕައިލެޓާއި، ފަސް އިންސްޓްރަކްޓަރުންނާއި ފަސް ދަރިވަރުން ހިމެނޭހެން ޖުމްލަ 11 މީހުން ވަނީ މަރުވެފައެވެ.