ދިވެހިރާއްޖޭގައި ދެން އުފެދޭނީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ވެރިކަމެއް ކަމަށާއި، އެ ވެރިކަމެއްގައި ގައުމުގެ ހަރުމުދާ ވިއްކާފައިވާ ފަރާތްތަކުގެ މައްސަލަތައް ބަލައި، ބޭރުގެ ފަރާތްތަކަށް ވިއްކާލާފައިވާ އެސެޓުތައް އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަނބުރާ ދައުލަތަށް އަތުލާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންއެފްގެ އޮފީހުގައި ސިލްސިލާކޮށް ބާއްވަމުންދާ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔާމީން ވިދާޅުވީ ރާއްޖޭގެ ވެރިކަމަށް އަންނަ ބައެއް ވެރިން، އޭގެ ކުރީގެ ސަރުކާރުތަކުން ތަރައްގީކޮށްފައި ހުންނަ ގައުމީ ތަރިކައިގެ ގޮތުގައި ބެލެވޭ ބޮޑެތި ކެޕިޓަލް އެސެޓުތައް ވިއްކާލުމަކީ އެމަނިކުފާނު އެންމެ ހިތްހަމަނުޖެހޭ ކަންތައް ކަމަށެވެ. އަދި ގައުމުގެ ބޮޑެތި އެސެޓުތައް ވިއްކުމަކީ އިދިކޮޅު އެމްޑީޕީގެ ވެރިކަމާ ވަރަށް ދޯޅު ކަމެއްގެ ގޮތުގައި ސިފަކުރައްވައި، އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް އެފަދަ ކަންކަން ހިނގާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މައި އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ދިނުމާއި، ދިރާގުގެ ހިއްސާ ކޭބަލް އެންޑް ވަޔަލެސްއަށް ވިއްކާލުމުގެ އިތުރުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ޗާގޯސް މައްސަލައިގައި ރާއްޖޭގެ ބޮޑު ކަނޑުގެ ސަރަހައްދެއް ދޫކޮށްލި މައްސަލައަށް ޔާމީން ވަނީ އިޝާރާތް ކުރައްވާފައެވެ.
މީގެ އިތުރުން މިހާރު އޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވެސް ރާއްޖޭގެ މައި ވިޔަފާރި ބަނދަރު (ޕޯޓު) ބޭރުގެ ބަޔަކަށް ވިއްކާލަން އެތައް ފަހަރަކު މަސައްކަތް ކޮށްފައިވާ ކަމަށް ޔާމީން ތުހުމަތު ކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މައި އެއާޕޯޓާއި ވިޔަފާރި ބަނދަރަކީ ދަރަނި އުފައްދާ ތަންތަން ނޫން ކަމަށާއި، އެއީ ގައުމަށް އާމްދަނީ ވައްދައިދޭ “ރަންވަޅުތަކެއް” ކަމަށެވެ. އަދި އެފަދަ ބޮޑެތި ކެޕިޓަލް އެސެޓުތައް ދިވެހިރާއްޖޭގައި ދެވަނަ ފަހަރަށް ބިނާނުކުރެވޭނެ ކަމަށާއި، އެ ތަންތަން ގެއްލިއްޖެނަމަ އަނބުރާ ހޯދަން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
ވެރިކަމުގެ ބާރުތަކާ ހަވާލުވާ ލީޑަރުން، އައު ވަސީލަތްތަކާއި ބިނާތައް ގާއިމުކުރުމުގެ ބަދަލުގައި، ގައުމުގައި ހުރި ތަންތަން ވިއްކައި ހުސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕީއެންއެފްގެ ވެރިކަމެއްގައި ގައުމުގެ ހަރުމުދާ ވިއްކާލާ ކޮންމެ މީހެއްގެ މައްސަލަ، އެއީ ކިތަންމެ ނުފޫޒުގަދަ އާއިލާއަކަށް ނިސްބަތްވާ މީހެއް ނަމަވެސް، بަލައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމަނިކުފާނު ދެއްވިއެވެ. މީގެއިތުރުން، ގައުމުގެ މުދާ ވިއްކައިގެން ހޯދާ ފައިސާ އެފަދަ ފަރާތްތަކުގެ “ދަށްގޮހޮރުގައި” ހުރި ނަމަވެސް، އެ ފައިސާ ހޯދައި އަނބުރާ ދައުލަތަށް ރައްދުކުރައްވާނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.މީގެއިތުރުން، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމްތަކުން ސަލާމަތްވެވަޑައިގެން، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީއެންއެފްގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި، ރާއްޖޭގެ ވެރިކަމުގެ ހުންގާނާ އަލުން ހަވާލުވެވަޑައިގަންނަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ޔާމީން ވަނީ އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކަށް ދެއްވާފައެވެ.
ކުރީގެ ސަރުކާރުން ޖީއެމްއާރަށް އެއާޕޯޓު ދިނުމުން އެތަން އަލުން ދައުލަތަށް ހޯދީ ބޮޑު ބަދަލެއް ދީގެން ނަމަވެސް، ދެން ވިއްކާލާ އެސެޓުތައް އަނބުރާ ހޯދާނީ އެއްވެސް ބަދަލެއް ދިނުމަކާ ނުލައި ކަމަށް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ހުންނަންވާނީ ރާއްޖޭގެ ވެރިކަމުގެ ހުކޫމަތީ ބާރު ހިނގާ ތަންތަން ކަމަށާއި، ބޭރުގެ ފަރާތްތަކުން ގައުމުގެ އެސެޓުތައް ގަނެފިނަމަ އެ ތަންތަން އަތުލުމުން ބަދަލު ހޯދަން ޖެހޭނީ އެ ތަންތަން ވިއްކި ވެރިންގެ އަތުން ކަމަށެވެ. ދިވެހި ސަރުކާރުން އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ވިދާޅުވެ ޔާމީން ވަނީ ބޭރުގެ އިންވެސްޓަރުންނަށް ވެސް ވަރުގަދަ މެސެޖެއް ދެއްވާފައެވެ.
މީގެ އިތުރުން، ޔާމީނަށް ދެން ވެރިކަމަށް ކުރިމަތިނުލެވޭނެ ކަމަށް ސަރުކާރުގެ ތެރެއިން ބައެއް ފަރާތްތަކުން ބުނަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން، އެއީ އިރާދަކުރެއްވިއްޔާ ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ކުރިއަށް އޮތް ތަނުގައި ސިޔާސީ މައިދާނުގައި ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.