ޕީއެންސީގެ އެތެރޭގެ ބޮޑު އިންތިޚާބު މާދަމާ ބޭއްވުމަށް ހުރިހާ ތައްޔާރީތަކެއް ވެއްޖެ

ވެރިކަންކުރާ ޕާޓީ ޕީއެންސީގެ އެތެރޭގެ ބޮޑު އިންތިޚާބުގެ ވޯޓުލުން މާދަމާ ރާއްޖޭގެ 130 އަށްވުރެ ގިނަ ރަށެއްގައި ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ.

ވެރިކަންކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ބާއްވާ އެތެރޭގެ ބޮޑު އިންތިޚާބުގެ ވޯޓުލުން މާދަމާ ބޭއްވުމަށް ހުރިހާ ތައްޔާރީތަކެއް ވަނީ ނިމިފައެވެ. މި އިންތިޚާބަކީ އެ ޕާޓީގެ އެކި ގުނަވަންތަކަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި މުޅި ރާއްޖެ ހިމެނޭހެން ބާއްވާ ވަރަށް މުހިންމު ހަރަކާތެކެވެ.

މި ފަހަރުގެ އިންތިޚާބުގައި ޕާޓީގެ އެކި މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 2،500 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ކުރިމަތިލާފައެވެ. މީގެ ތެރެއިން ވާދަވެރިކަން ބޮޑުވެ، ވޯޓުލުން ކުރިއަށްގެންދަން ޖެހޭ ދާއިރާތަކާއި ރަށްތައް ކަނޑައަޅައި، ރާއްޖޭގެ 130 އަށްވުރެ ގިނަ ރަށެއްގައި މާދަމާ ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ޕާޓީން ހާމަކުރެއެވެ.

މާދަމާ ބާއްވާ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި، ޒުވާނުންގެ ހަރަކާތުގެ ރަށު ރައީސުންނާއި، އަންހެނުންގެ ހަރަކާތުގެ ރަށު ރައީސުންގެ އިތުރުން ރަށްރަށުގެ ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުން ހޮވުމަށެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ޕީއެންސީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރުންނަށެވެ.

އަތޮޅުތަކުގެ ރަށްތަކުގެ އިތުރުން މާލޭގައި ދިރިއުޅޭ އެކި ދާއިރާތަކުގެ މެންބަރުންނަށް ވޯޓުލެވޭނެ އިންތިޒާމުތައް މާލޭގައި ވެސް ވަނީ ހަމަޖައްސާފައެވެ. މި އިންތިޚާބަކީ ކުރިއަށް އޮތް ޕީއެންސީގެ ބޮޑު ކޮންގްރެސްގެ ކުރިން ބާއްވާ އެންމެ މުހިންމު އެތެރޭގެ އިންތިޚާބު ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *