ސަނީގެ ފުރަތަމަ ވެބް ފިލްމު ‘އިއްކާ’ ގެ ޓްރެއިލާ ދައްކާލައިފި

ސަނީ ޑިއޯލްގެ ފުރަތަމަ ވެބް ފިލްމު "އިއްކާ" ގެ ޓްރެއިލާ ދައްކާލާފައިވާއިރު، މި ފިލްމު އަންނަ މަހުގެ 10 ގައި ނެޓްފްލިކްސް އިން ޕްރީމިއާ ކުރާނެއެވެ.

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސަނީ ޑިއޯލް އާއި އަކްޝޭ ކަންނާ މުހިއްމު ރޯލުތަކުން ފެނިގެންދާ އާ ކޯޓްރޫމް ތުރިލާ ފިލްމު “އިއްކާ” ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ. މިއީ ސިނަމާތަކަށް ނުގެނެސް ސީދާ ސްޓްރީމިން އަށް ދޫކޮށްލާ ސަނީގެ ކެރިއަރުގެ ފުރަތަމަ ވެބް ފިލްމެވެ. މި ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ޕްރީމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.

ނެޓްފްލިކްސް އިން ގެނެސްދޭ މި ފިލްމަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ސިދާތު ޕީ މަލްހޯތުރާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ގާނޫނީ ދާއިރާގެ ވަރުގަދަ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގައި ސަނީ ފެންނާނީ ވަރުގަދަ އަދި އުސޫލުތަކުގައި ހިފަހައްޓާ މޮޅު ވަކީލެއްގެ ރޯލުންނެވެ. މީގެ ކުރިން 1993 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު “ދާމިނީ” ގައި ވެސް ސަނީ ވަނީ ވަކީލެއްގެ ރޯލު ކުޅެ، ނެޝަނަލް އެވޯޑު ހޯދާފައެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ސަނީ ކުޅޭ ވަކީލުގެ މާޒީއާ ގުޅުންހުރި މީހަކު (އަކްޝޭ ކަންނާ) މަރުގެ މައްސަލައެއްގައި ހައްޔަރުކުރުމުން، އޭނާގެ ދިފާއުގައި ކޯޓުގައި ވަކާލާތުކުރަން ޖެހުމުން ކުރިމަތިވާ ހާދިސާތަކެއްގެ މައްޗަށެވެ. މިއީ 1997 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު “ބޯޑާ” އަށް ފަހު ސަނީ އާއި އަކްޝޭ އެކުގައި ފިލްމަކުން ފެންނަ ފުރަތަމަ ފަހަރެވެ.

“އިއްކާ” ގެ މުހިއްމު ރޯލުތަކުން ސަނީ އާއި އަކްޝޭގެ އިތުރުން ތިލޮތަމާ ޝޯމް، ދިއާ މިރްޒާ، ސަންޖީދާ ޝެއިޚް އަދި އަކަންޝާ ރަންޖަން ކަޕޫރު ފެނިގެންދާނެއެވެ. މީގެ ތެރެއިން ތިލޮތަމާ ފެންނާނީ ޕަބްލިކް ޕްރޮސެކިއުޓަރެއްގެ ރޯލުންނެވެ. މި ފިލްމަކީ އަލްޗެމީ ފިލްމްސް އާއި ނެޓްފްލިކްސް ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *