މާލީ ދާއިރާގެ ކުރިއެރުމަށް އެންމެ ބޮޑު އިންވެސްޓްމަންޓެއް ބޭނުންވަނީ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް: ބީއެމްއެލްގެ ސީއީއޯ

މާލީ ދާއިރާގެ ކުރިއެރުމަށްޓަކައި އެންމެ ބޮޑު އިންވެސްޓްމަންޓެއް ކުރަންޖެހެނީ އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ކަމަށް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މާލީ ދާއިރާގެ ކުރިއެރުމަށްޓަކައި އެންމެ ބޮޑު އިންވެސްޓްމަންޓެއް ކުރަންޖެހެނީ އިންސާނީ ވަސީލަތްތައް ބިނާކުރުމަށް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ކުރިއަށްދިޔަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުންނެވެ.

އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ ތެރޭގައި ޑިޖިޓަލް ދާއިރާއަށް މީހުން އަހުލުވެރިކުރުވުމާއި، މަސައްކަތްތެރިންގެ ހުނަރު އިތުރުކުރުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކުރުން ހިމެނޭކަން ސީއީއޯ ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ރެގިއުލޭޓަރުންނާއި، ބޭންކުތަކާއި، ފިންޓެކް ކުންފުނިތަކާއި އަދި ތަޢުލީމީ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކުރަންޖެހޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ފަސް އަހަރުގެ ތަޞައްވުރަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، އެންމެ ބޮޑު އީޖާދަކަށް ވާނީ ފައިސާ ދެއްކުމުގެ މުޢާމަލާތްތަކަކީ ފާހަގަވެސް ނުވާނެހާ ފަސޭހަ، ނިޒާމުގެ ތެރެއިން އަމިއްލައަށް ހިނގާ (އޮޓޮމެޓިކް) ކަމަކަށް ބަދަލުވުންކަމަށެވެ. މިސާލެއްގެ ގޮތުން ފަތުރުވެރިއަކު ޗުއްޓީއެއް ބުކްކުރާއިރު، އޭނާ ބޭނުންކުރަނީ ކޮން ބޭންކެއްގެ ޚިދުމަތެއްތޯ ބެލުމެއް ނެތްގޮތަށް، ރިސޯޓަށާއި، ސީޕްލޭނަށާއި، ލޯންޗު ފަހަރަށާއި، އަދި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށް ވަގުތުން ފައިސާ ޖަމާވެގެންދާނެ ނިޒާމެއް އޭނާ ސިފަކުރެއްވިއެވެ.

މިއީ އޭޕީއައި މެދުވެރިކޮށް ގުޅާލެވިފައިވާ، އެއް ނިޒާމުން އަނެއް ނިޒާމަށް މުޢާމަލާތްކުރެވޭ ފަސޭހަ ފައިސާ ދެއްކުމުގެ ނިޒާމެއްގެ ބާރުކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުން، ޑިޖިޓަލް އައިޑެންޓިޓީއާއި ބަޔޮމެޓްރިކްސް ބޭނުންކޮށްގެން ފައިސާ ދެއްކުން އާންމުވެ، މުޢާމަލާތްތައް މިހާރަށްވުރެ ސަލާމަތްތެރި، ފަސޭހަ އަދި އެންމެނަށް ބައިވެރިވެވޭފަދަ ނިޒާމަކަށް ވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ. އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ފައިސާ ދެއްކުމުގެ މުޢާމަލާތްތައް ވިސްނުންތެރި މާލީ ޚިދުމަތްތަކަކަށް ބަދަލުވެގެންދާނެއެވެ.

މިފަދަ ޑޭޓާ ނުވަތަ މަޢުލޫމާތުތަކުގެ ބޭނުން ހިފައިގެން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ވޯކިންގ ކެޕިޓަލް ވަގުތުން ހޯދައިދިނުމާއި، މާލީ ކަންކަމުގައި ލަފާދިނުމާއި، އަދި މަކަރާއި ހީލަތުން ކުރާ މުޢާމަލާތްތައް ދެނެގަނެވޭނެކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި، ‘އޭޖެންޓިކް ކޮމާސް’ ނުވަތަ އިތުބާރު ހުރި އޭއައި އެޖެންޓުން މުދާ ގަނެ، މުޢާމަލާތްތައް ނިންމައިދޭ ނިޒާމަށް ވިޔަފާރިތަކުން ތައްޔާރުވާންޖެހޭކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *