ގަޑި ނުޖެހި އޮފީހަށް ހާޒިރުވުމަށް ސިވިލް ސާވަންޓުންނަށް 30 މިނެޓުގެ ލުޔެއް ދީފި

ސިވިލް ސާވިސް މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތްތަކުގައި ގަޑި ނުޖެހި އޮފީހަށް ހާޒިރުވުމަށް 30 މިނެޓުގެ ބަފާ ޓައިމެއް ލިބޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފިއެވެ.

ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތްތަކާ ގުޅިގެން، ގަޑިއަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކުގައި ގަޑިނުޖެހޭ ގޮތަށް 30 މިނެޓުގެ ބަފާ ޓައިމެއް ލިބޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދު އިސްލާހުކޮށްފިއެވެ. ސިވިލް ސާވިސް ކޮމިޝަނުން މި ބަދަލު ގެނައީ މުވައްޒަފުންނަށް ދިމާވާ ކުއްލި ދަތިތަކުގެ ސަބަބުން މަސައްކަތު ގަޑި ފެށޭ ވަގުތަށް ހާޒިރުނުވެވޭ ހާލަތްތަކުގައި، އިތުރު ހުއްދައަކާ ނުލައި މަސައްކަތުގެ ގަޑި އެޖަސްޓުކުރުމަށް ލުޔެއް ދިނުމުގެ މަގުސަދުގައެވެ.

އަލަށް ގެނައި މި އިސްލާހުގައިވާ ގޮތުން، ބަފާ ޓައިމްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރަސްމީ މަސައްކަތު ގަޑި ފެށޭ ވަގުތުން ފެށިގެން 30 މިނެޓުގެ ވަގުތެކެވެ. މި ވަގުތުގެ ތެރޭގައި އޮފީހަށް ހާޒިރުވާ މުވައްޒަފުން، އެކަން ދިމާވި ސަބަބު ބަޔާންކޮށް އެ އިދާރާއެއްގެ ހިއުމަން ރިސޯސް ސެކްޝަނަށް ނުވަތަ ކަނޑައަޅާފައިވާ ފަރާތަކަށް އެ ދުވަހުގެ މަސައްކަތު ގަޑި ނިމުމުގެ ކުރިން އަންގަން ޖެހެއެވެ. ނަމަވެސް، މި 30 މިނެޓަށް ވުރެ ލަހުން ހާޒިރުވާ ނަމަ ބަލާނީ ގަޑި ޖެހުނީ ކަމަށެވެ.

މި އުސޫލުގެ ދަށުން ބަފާ ޓައިމް ބޭނުންކުރާ މުވައްޒަފުން، އެ ލަސްވި ވަގުތު މަސައްކަތު ގަޑި ނިމޭ ވަގުތަށް އިތުރުކުރަން ޖެހޭނެއެވެ. މިސާލަކަށް، އޮފީސް ފެށޭ ގަޑިއަކީ ހެނދުނު 08:00 ކަމަށްވެފައި، މުވައްޒަފަކު ހާޒިރުވީ 08:15 ގައި ނަމަ، އެ މުވައްޒަފަކު މަސައްކަތުން ނިމޭނީ މެންދުރުފަހު 14:15 ގައެވެ. މި ވަގުތުގެ ފަހަށް އެއްވެސް ސަބަބަކާ ހުރެ އޮފީހަށް ހާޒިރުވާ ގަޑި އެޖަސްޓު ނުކޮށްދެވޭނެ ކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، މުވައްޒަފެއްގެ މަގާމުގެ ގޮތުން އިސްތިސްނާ ކުރަންޖެހޭ މުވައްޒަފުން މި އުސޫލުން އިސްތިސްނާ ކުރާނީ އެ އިދާރާއަކުން ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި، އެ ކޮމިޝަނުން ހުއްދަ ދިނުމުންނެވެ. ސިވިލް ސާވިސް ކޮމިޝަނުން މިހާރު އަމަލުކުރަމުންދާ ގަވާއިދަށް ގެނައި މި އިސްލާހަކީ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ގެނެވުނު ބަދަލެކެވެ.

Leave a Reply

Your email address will not be published. Required fields are marked *